އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާނޫނަކީ ބޭނުންވީމަ އެތެރެއަށް ވަދެފަ ބޭނުންވީމަ ބޭރުވާން އޮންނަ އެއްޗަކަށް ނުހެދޭނެ! ޖެހޭނީ އަމަލުކުރަން!

ޤާނޫނަކީ ބޭނުންވީމަ އެތެރެއަށް ވަދެފަ ބޭނުންވީމަ ބޭރުވާން އޮންނަ އެއްޗަކަށް ނުހެދޭނެ! ޖެހޭނީ އަމަލުކުރަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

އެއްވެސް ޤައުމެއްގެ ޤާނޫނު އަސާސީއަކީ އެމީހަކު ބޭނުން ވުމުން އެތެރެއަށް ވަދެފަ ނުކުންނަން ބޭނުންވުމުން ނުކުންނަން އޮންނަ އެއްޗެއް ނޫނެވެ. ޤާނޫނުގަ އޮތް ޙައްޤެއް ނުލިބިއްޖެ ނަމަ އެ ޙައްޤު ލިބިގަންނަން ވަކާލާތުކޮށްފަ، ޤާނޫނުން ނުލިބޭ ޙައްޤެއް އަމިއްލައަށް ލިބިގަންނަން ބޭނުން ވުމުން ލިބިގަނެވޭ ގޮތަށް އޮންނަ އެއްޗެއްވެސް ނޫނެވެ. 

އެއް ބައަކު ބުނާ ގޮތުގައި މިއަދު ރާއްޖޭގައި ކުރިމަތިވެގެން މިއުޅޭ އެންމެ ބޮޑު މައްސަލައަކީ ޤާނޫނު އަސާސީގެ މަޤާމު ނުއެނގޭ ބައަކު ތިބުމެވެ. އަނެއް ބައަކު ބުނަނީ ޤާނޫނު އަސާސީގެ މަޤާމު ނުއެނގެނީ ނޫން ކަމަށާއި އެނގޭ ކަމަށް ހަދަން ބޭނުން ނުވަނީ ކަމަށެވެ. 

"އެމީހަކަށް ލިބެން ޖެހޭ ޤާނޫނީ އެންމެ ޙައްޤެއް ނުލިބުނު ނަމަވެސް ކޯޓުތަކަށް ދާން އަވަސްވެގަނޭ. މަގުމަތީގަ މުޒާހަރާވެސް ކުރޭ. ނަމަވެސް ޤާނޫނާއި ޚިލާފަށް ކަމެއް ކުރަން ބޭނުންވެއްޖެ ނަމަ ޤާނޫނެއް އޮންނަކަންވެސް އެނގޭ ކަމަކަށްވެސް ނުހަދާ. ދެން މިސާލު ދައްކާނީ ކޮންމެވެސް އެހެން ރާއްޖެއަކުން. ބައްލަވަ! މިއީ އެހެން ރާއްޖެއެއް ނޫނޭ! މިއީ ދިވެހި ރާއްޖެ އޭ! ދިވެހިރާއްޖޭގަ ޢަމަލުކުރަން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އެބައޮތޭ އިނގޭތޯ!" 

މިފަދަ ބަހުސްތައް ދަނީ ކުރިއަށެވެ! ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް އަމަލުކުރަން ބޭނުން ނޫން މީހުންނަށް އެ ފުރުޞަތުވެސް އެބައޮތެވެ! އެކަމުގެ ދޮރުވެސް ވަނީ ހުޅުވިފައެވެ. އެމީހަކީ އެމީހެއްގެ މައްޗަށް ދައުވާ އުފުލިފައިވާ މީހެއް ނޫން ނަމަ އިމިގްރޭޝަނަކުން ނުހިފަހައްޓާނެއެވެ. އަވަހަށް ރާއްޖެއިން ފުރާށެވެ! ރާއްޖެއިން ބޭރުވާށެވެ! ރާއްޖޭގައި އުޅޭނަމަ އުޅެން ޖެހޭނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ އިމުގެ ތެރޭގައެވެ. 

ޤާނޫނު އަސާސީން ބޭރުގައި އުޅޭނަމަ ތަންފީޒީ އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެއެވެ. އެކަމަށް ތަންފީޒީ އިދާރާތައް ފަސް ޖެހޭނަމަ ރައްޔިތުން ނުކުމެ އެމީހުންގެ ޤާނޫނު އަސާސީ ތަންފީޒުކުރާނެއެވެ! އެއީ ކޮންމެ ޤައުމެއްގައިވެސް އެކަން ހިނގަމުން އަންނަ ގޮތެވެ. 

ހަމަ އެއާއިއެކު އެއްވެސް ޤައުމެއްގެ ޤާނޫނު އަސާސީ އޮންނަނީ ޤައުމުގެ އެންމެން ބޭނުންވާ ގޮތަކަށް ނޫނެވެ. ވީމާ އެމީހަކު ކުރަން ބޭނުންވާ ކަމެއް ކުރަން ޤާނޫނު އަސާސީ ތަން ނުދިނުމަކީ ޤާނޫނު އަސާސީ އާއި ޚިލާފްވުމުގެ ބާރު އެއްވެސް މީހަކަށް ލިބިދޭ ކަމެއް ނޫނެވެ. އަޑަސް ބާރުލާފައި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ވާހަކަ ދައްކާ ބައެއް މީހުންނަށް މިކަންކަން ނުއެނގުމަކީ ޤާނޫނު އަސާސީގެ މައްސަލައެއް ނޫނެވެ. އަދި ރާއްޖޭގެ މައްސަލައެއް ވެސް ނޫނެވެ. އެމީހެއްގެ އަމިއްލަ މައްސަލައެކެވެ. 

ﷲ ތައާލާ ދެލޯ ދެއްވުމުން އެއް ލޮލުގައި ކަނުބަނދެގެން ނުކުތުމުން ދެ ލޮލުން ފެންނަން ޖެހޭ ވަރަށް ނުފެނުމަކީ ދެލޮލުގެ މައްސަލައަކަށް ނުހެދޭނެއެވެ. އެކަން ވާނީ އެމީހެއްގެ އަމިއްލަ މައްސަލައަކަށެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް