އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެރަރިޒަމް ނައްތާލަން ބޭނުން ނަމަ އަދުލު އިންޞާފު ޤާއިމުކުރުމަށް އިމްރާން ޚާން އދގަ ގޮވާލެއްވުމުން މުސްލިމުންގެ ބޮޑު ތަރުޙީބެއް!

ޓެރަރިޒަމް ނައްތާލަން ބޭނުން ނަމަ އަދުލު އިންޞާފު ޤާއިމުކުރުމަށް އިމްރާން ޚާން އދގަ ގޮވާލެއްވުމުން މުސްލިމުންގެ ބޮޑު ތަރުޙީބެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ޓެރަރިޒަމް ނައްތާލަން ބޭނުން ނަމަ އަދުލު އިންޞާފު ޤާއިމުކުރުމަށް ގޮވާލައްވައި އިސްލާމް ދީނުގެ ދިފާޢުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އދގައި ދެއްކެވި ވާހަކަފުޅަށް މުސްލިމުންގެ ބޮޑު ތަރުޙީބެއް ލިބެމުން އެބަދެއެވެ.

 

އިމްރާން ޚާން ވިދާޅުވީ އެހެން ދީންތަކުގެ މީހުން ޖާނުން ފިދާވެގެންނާއި ބަޑިޖަހައިގެން މީހުން މެރުމުން އެކަންކަން ޓެރަރިޒަމް ކަމަށް ހުޅަނގުގެ ލީޑަރުން މާނަ ނުކުރާ ކަމަށާއި ނަމަވެސް މުސްލިމަކު ކިތަންމެ ކުޑަ ކަމެއް ކުރި ނަމަވެސް އެއީ ވަރަށް ބޮޑު ކަމަކަށް ހަދައި ވަގުތުން އިސްލާމް ދީނާއި ގުޅުވަމުން ގެންދާ ކަމަށެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މުސްލިމުންނަށް މިއަދު ތިބެންޖެހިފައިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

 

އިމްރާން ޚާން ވިދާޅުވީ ފިކުރީ ގޮތުން ހައްދު ފަހަނައަޅައި ގޮސް ހަރުކަށި ފިކުރުތައް ހިންގަނީ އިސްލާމް ދީނުގައި ބަޔާންވެގެންވާ ފަދައިން ރައްޔިތުންނަށް އަދުލު އިންޞާފު ނުލިބޭތީ ކަމަށެވެ. އެހެންކަމުން އެކަންކަން ހިނގަނީ ސިޔާސީ ލީޑަރުންގެ ސަބަބުން ކަމަށެވެ. ޤައުމުތަކުގެ ވެރިކަން ކުރާ ގޮތުން ކަމަށެވެ.

އިމްރާން ޚާން ވަނީ ލަންކާގެ ޓައިގަރުން ޖާނުން ފިދާވެގެން ދީފައިވާ ހަމަލާތައް ފާހަގަ ކުރައްވައިފައެވެ. އިމްރާން ޚާން ވިދާޅުވީ އެއިރު ޖާނުން ފިދާވެގެން ދުނިޔޭގައި ދެވުނު ހަމަލާތަކުގެ 75 އިންސައްތަ ހަމަލާ ދިނީ ތަމަޅަ ޓައިގަރުން ކަމަށާއި އެއީ ހިންދޫން ކަމަށެވެ.

އިމްރާން ޚާން ވިދާޅުވީ އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވުމުގެ މައްސަލަ ފެށިގެން އައީ 9/11 ގެ ހާދިސާއަށްފަހު އެމެރިކާއިން އެގޮތަށް އެކަން ކުރަން ބޭނުންވުމުން ކަމަށެވެ. އަދި އިސްލާމް ދީނާއި ޓެރަރިޒަމާއި ގުޅުވޭނެ އެއްވެސް ގޮތެއް ނުއޮންނާނެ ކަމަށެވެ. އިސްލާމް ދީނަކީ އެއްވެސް މިންވަރަކަށް ޓެރަރިޒަމަށް ތާއީދުކުރާ ދީނެއް ނޫން ކަމަށެވެ.

އިމްރާން ޚާން ވިދާޅުވީ 9/11 ގެ ކުރިން ދުނިޔޭގައި ޖާނުން ފިދާވެގެން ދިން ހަމަލާތަކުގެ 75 އިންސައްތަ ހަމަލާ ދީފައިވަނީ ތަމަޅަ ޓައިގަރުން ކަމަށެވެ. އަދި އެމީހުންނަކީ ހިންދޫން ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު އެ ހަމަލާތަކާއި ހިންދޫދީނާއި ގުޅުވާފައި ނުވާ ކަމަށެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ނިމުނުހިސާބުގައި ޖަޕާނުގެ ގިނަ ބައަކު ޖާނުން ފިދާވެގެން އެމެރިކާއަށް އެތައް ބައިވަރު ހަމަލާތައް ދިން ކަމަށާއި ނަމަވެސް މިއިން އެއްވެސް ޙަމަލާއެއް އެއްވެސް މީހަކު އެއްވެސް ދީނަކާއި ނުގުޅުވާ ކަމަށެވެ. އެއީ ޓެރަރިޒަމަކީ އެއްވެސް ދީނަކާއި އެއްވެސް ގުޅުމެއް ހުރި ކަމަކަށް ނުވާތީ ކަމަށެވެ.

އިމްރާން ޚާން ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތައް ކުރިމަތިވަނީ ސިޔާސީ ކަންކަމުގެ ސަބަބުން ކަމަށެވެ. ޢަދުލު އިންޞާފް ޤާއިމު ނުކުރެވޭތީ ކަމަށެވެ. އިންޞާފް ނުލިބުމުން އުފެދޭ މާޔޫސްކަމުގެ ސަބަބުން ކަމަށެވެ.

"އިސްލާމން ދީނަކު އެއްވެސް ބައިބައެއް ނުހުންނާނެ! އިސްލާމް ދީން އޮތީ އެއް ގޮތަކަށް! ރަސޫލް (ޞޢވ) ގެނެސް ދެއްވި ގޮތަށް! ވީމާ ރެޑިކަލް އިސްލާމް ކިޔާ އިސްލާމެއް ނުއޮންނާނެ!

ކޮންމެ ބައެއްގެ ތެރޭގައިވެސް ހަރުކަށި ފިކުރުގެ މީހުން ތިބޭނެ. ދޮން މީހުންގެ ތެރޭގައިވެސް އެބަތިބި. ނިޔުޒީލަންޑުގެ މިސްކިތަށް ހަމަލާދީ ނަމާދަށް ތިބި 50 ދޮން މީހުން ޝަހީދުކުރީ ދޮން މީހެއް. އެކަމާ އެއްވެސް ދީނަކާ އޮތީ ކޮން ގުޅުމެއް؟"

އިމްރާން ޚާން ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ނެތް މުޖުތަމައުއެއް އަދި ޤައުމެއްވެސް ނެތް ކަމަށެވެ. ވީމާ ހަރުކަށި ކަމާއި އިސްލާމް ދީނާއި ގުޅުވައިގެން އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. ރަސޫލް (ޞޢވ) އަށް މުޝްރިކުން ބޮޑެތި އަނިޔާތައް ދެމުން ގެންދިއައިރުވެސް ބަދަލު ހިއްޕެވުމުގެ ގޮތުން އެއްވެސް ކަމެއް ކުރައްވާފައި ނެތް ކަމަށެވެ.

އިމްރާން ޚާން ވިދާޅުވީ ހުޅަނގުގެ ލީޑަރުންނަށް އިސްލާމް ދީނުގެ މި ޙަޤީޤަތްތައް ހާމަކޮށްދިނުމަކީ މުސްލިމް ލީޑަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އިމްރާން ޚާން ވަނީ މުސްލިމުންގެ ތެރެއިން މަދު ބައަކު ހަރުކަށި ފިކުރުގައި މުސްލިމް އުންމަތް ބަދުނާމްވާގޮތަށް ހިންގަމުން ގެންދާ ހަރުކަށި އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް