އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހީ ރިޕޯޓު: އެހެން ކުދިން ފަދައިން ކުރެވޭ އިހުސާސްތައް ބުނެދޭން މިޒޫވެސް ބޭނުންވޭ، އެކަމަކު އެކަމަށްޓަކައި ދީލަތި އެހީއެއް ބޭނުންވޭ!

އެހީ ރިޕޯޓު: އެހެން ކުދިން ފަދައިން ކުރެވޭ އިހުސާސްތައް ބުނެދޭން މިޒޫވެސް ބޭނުންވޭ، އެކަމަކު އެކަމަށްޓަކައި ދީލަތި އެހީއެއް ބޭނުންވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 27 ސިކުންތު

ކޮންމެ މަޔަކު އަދި ބަފަޔަކު ވެސް އެންމެ ބޮޑަށް ބޭނުންވާނީ އެމީހެއްގެ ދަރިން ހެޔޮ ހާލުގައި، ފުރިހަމަ ރަނގަޅު ސިއްޙަތެއްގައި ހުރުމެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އެއްވެސް އަނިޔާއެއް އެދަރިންނަށް ނުލިބުމެވެ. އެހެން ކުދިން ފަދައިން އެކުދިންނަށް ވެސް ވާނުވާ ގޮތްތައް ރަނގަޅަށް ބުނަން އެނގޭނެފަދަ ދަރިއަކަށް އެކުދިންވުމަކީ މައިންބަފައިން ކުރާނެ ދުޢާއެއްކަން ޔަގީނެވެ.

ގއ. ކަނޑުހުޅުދޫ، ބޮޑުމުދިމުގެ މިޒްދާން އަބްދުލް ޖަލީލް، މިޒޫ (14 އ.) އަކީ ވެސް އެފަދަ އާދައިގެ ދިރިއުޅުމެއް އުޅުމަށް އެދޭ ކުއްޖެކެވެ. އޭޑީއެޗްޑީ، އޯޑީޑީ އަދި އޯޓިޒަމްގެ ވެސް ވައްތަރެއް ޖެހިފައިވާ މިޒޫ އަންނަނީ އޭނާގެ އުމުރުން ދެ އަހަރު ދުވަހުން ފެށިގެން ވެސް މިކަން ތަހައްމަލު ކުރަމުންނެވެ.

"ދަރިފުޅުގެ މިފަދަ ކަންކަން ކުރިކަން ކުއްޖާގެ އުމުރުން ދެ އަހަރު ދުވަހުން ފެށިގެން ވެސް އިނގެން ފެށި. އެކަމަކު އެއިރު އެކި ކަންކަން ދިމާވުމުގެ ސަބަބުން ފަރުވާކުރުން ލަސްވީ. ދަރިފުޅަށް ފަރުވާ ކުރަން ފެށިތާ މިހާރު ދެ އަހަރު ވެއްޖެ. އެމުއްދަތުގެ ތެރޭގައި ފަސް ވަނަ ފަހަރަށް ނިހާރު ބޭސްކުރަން ދާން މިއުޅެނީ" މިޒޫގެ ހާލަތު "މިއަދުނޫހަށް" ކިޔާދެމުން އޭނާގެ މަންމަ އައިޝަތު ރަޝީދާ ބުންޏެވެ.

މިޒޫގެ މައްސަލައެއް ހުރިކަން އިހުސާސްވާން ފެށީ އޭނާ ސްކޫލްތަކަށް ވެއްދި ފަހުން ކަމަށް އޭނާގެ ފާހަގަ ކޮށްފައިވެއެވެ. މާބޮޑަށް ހަމަބޮލިވުމުގެ ސަބަބުން ނާސަރީ އަށާއި އެލްކޭޖީ އަށް މިޒޫ ވައްދާފައެއް ނުވެއެވެ. ނަމަވެސް ޔޫކޭޖީ ކިޔެވުމަށް އޮތް އަހަރު މާފަންނު މަދަރުސާއަށް ވެއްދިއެވެ. މިޒޫ ގްރޭޑް އެކަކުން ފެށިގެން 6 އާއި ހަމަޔަށް ތައުލީމު ހާސިލު ކުރީ ކަލާފާނު ސްކޫލްގައެވެ. ނަމަވެސް ތަފާތު އެކި މައްސަލަތައް ދިމާވުމުންނާއި، ގިނަ ބައެއްގެ ލަފާމަތިން މިޒޫގެ ކިޔެވުން ފަހުން ބަދަލުކުރީ ޖަމާލުއްދީން ސްކޫލަށެވެ.

"ވަރަށް ގިނަ ބަޔަކު ބުނީ ރަނގަޅުވާނެ، އަޅުގަނޑަކީވެސް އެކަނިވެރިމައެއް ވީމަ ފަސޭހަވާނެތާ ތަޖުރިބާކާރުންނާއި ހަވާލުކޮށް ދަރިފުޅަށް ކިޔަވާދެވުނިއްޔާ، އެހެންވެ ޖަމާލުއްދީނަށް ބަދަލުކޮށްލީ. ބަދަލުކޮށްލީމަ އެސްކޫލުން ބުނީ ހަފްތާއެއްގެ ތެރޭގަ ކުއްޖާ ގެންނާށޭ ދޮޅު ގަޑީރަށް، އެވަރަށޭ ގެންގުޅެވޭނީ. ދެން ހަމަ އެކަނި ކޮށްލީ. މިދިޔަ އަހަރު އެއީ، އެއީ ގްރޭޑް 7 އަށް. މިއަހަރު އެބޭފުޅުން ދަރިފުޅުލީ މަންމަން ކުލާހަށް. އަޅުގަނޑުވެސް ބޭނުންވާނެ ދެއްތޯ އަޅުގަނޑުގެ ދަރިފުޅަށް ކިޔެވެން. އެހެންވެ އަންނަ އަހަރު ދަރުމަވަންތައަށް ބަދަލުކުރަން އަނެއްކާވެސް މިއުޅެނީ" އެމަނިވެރިމައެއް ކަމުގައިވާ މިޒޫގެ މަންމަ އައިޝަތު ކިޔައިދިނެވެ.

އޭޑީއެޗްޑީ އާއި، އޯޓިޒަމްގެ ވައްތަރަކާއި، އޯޑީޑީ ހުރުމުގެ ސަބަބުން މާބޮޑަށް ހަލަނިވުމުގެ އިތުރުން، ރުޅިއައިސްފިނަމަ މިޒޫއަށް ކޮންޓްރޯލް ނުކުރެވެނީއެވެ. އެހެނިހެން އިހުސާސްތައް ވެސް ބުނެދޭން ނޭނގެނީއެވެ. މިކަމުގެ ސަބަބުން މީހަކަށް އަނިޔާއެއް ނުކުރިނަމަވެސް އެއްޗެއްސަށް ގެއްލުންދޭކަން މިޒޫގެ މަންމަ ފާހަގަ ކޮށްފައިވެއެވެ.

"މީހަކަށް ކަމެއް ނުކުރާނެ. އަދި އިރާދަކުރެއްވިއްޔާ ނެތް އެއްވެސް މީހަކަށް އަނިޔާއެއް ކޮށްފައެއް. އެކަމަކު ރުޅިއައިސްފިއްޔާ އެއްޗިއްސަށް ގެއްލުން ދޭނެ. ދެން އޭނަ އަނިޔާއެއް ކުރަންވިޔަސް ކުރާނީ އަޅުގަނޑަށް. މީގެއިތުރުން އަނެއްހެން ނޭނގޭ އެއްވެސް އިހުސާސެއް. މިސާލަކަށް ލަދުވެސް ގަންނަން ނޭނގޭ.. އެހެން ހުރެފަ އެއްޗެހިވެސް ބާލާފަ ދައްކާފާނެ، އެއީ އެކަމަކު އޭނަ ގަސްތުގަ ކުރާ ކަމެއް ނޫން. އޭނައަށް ނޭނގެނީ އެހެން ހަދަން ނުވާނެކަން" މިޒޫގެ މަންމަ ބުންޏެވެ.

މިޒޫއަށް ފަރުވާ ކުރަމުން އަންނަނީ ބެންގަލޫރުގެ ކޮލަމްބިއާ އޭޝިއާ ހޮސްޕިޓަލުންނެވެ. މިމަހުގެ 17 ވަނަ ދުވަހު އަނެއްކާވެސް ފަރުވާ ކުރުމަށްދާން ތައްޔާރުވެފައިވާއިރު ފަރުވާ ކުރަން ފެށުމުގެ ސަބަބުން މިހާރު، ކުރިއަށްވުރެ މިހާރު މިޒޫގެ ހާލު ރަނގަޅުވަމުން އަންނަކަން ވެސް އޭނާގެ މަންމަ ފާހަގަ ކޮށްފައިވެއެވެ.

"ވަރަށް ބޮޑުތަން މިހާރު ރަނގަޅުވަމުން އަންނަނީ. ޑޮކްޓަރުން ވެސް ބުނި މަހެއްވަރު ވަންދެން ފަރުވާ ކުރެވިއްޖިއްޔާ ރަނގަޅުވަމުންނޭ އަންނާނީ. ރަނގަޅަށް ތެރަޕީވެސް ދެވޭނެއޭ. އެންސްޕާއިން ބުނެފަ އިނީ ދެކޮޅު ޓިކެޓާއި 250 ޑޮލަރު ހަމަޖެހިފަ އިން ވާހަކަ. އެގޮތުންވެސް އަސްލު މިދެނީ ބަލި މީހާއަށާއި އެހީތެރިއަކަށްދޯ ޓިކެޓު، އަޅުގަނޑު އެކަނި ނުވެސް ދެވޭނެ ނޫންތޯ ކުއްޖާ ގޮވައިގެން. އިތުރު އެހީތެރިއަކު ވެސް ބޭނުންވޭ، އެއީ ކުއްޖާ އެހެން ހުރެފަ މިސާލަކަށް މަގުމަތީގަ ވެސް އަތުން އޮޅާލާފަ ދުވެފަ ގޮސްފިއްޔާ އަޅުގަނޑު ކިހިނެއްތޯ ހަދާނީ؟ އެހެންވެ އަސްލު އިތުރު މީހެއްގެ އެހީތެރިކަން ވެސް ބޭނުންވޭ، އަދި މިހާ ގިނަ ދުވަހު ގޮސް ހުންނަން ޖެހޭއިރު ހުންނާނެ ތަނެކާއި ކެއިން ބުއިމުގެ ޚަރަދުތައް ވެސް ބަލަހައްޓަން ޖެހޭނެ ނޫންތޯ" މިޒޫގެ މަންމަ ބުންޏެވެ.

މިޒޫއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް، ބީއެމްއެލް ރުފިޔާ އެކައުންޓު ނަންބަރ 7704258721101 (އައިޝަތު ރަޝީދާ)، އަދި ބީއެމްއެލް ޑޮލަރ އެކައުންޓް ނަންބަރ 7770000020449 އަށް ފައިސާ ޖަމާ ކޮށްދިނުމަށް މިޒޫގެ މަންމަ އެދެއެވެ. އިތުރު މައުލޫމާތު 9130108 ނަންބަރު ފޯނާއި ގުޅައިގެން ހިއްސާލޮށްލުމަށް އެދެމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ