އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔަމަނުގެ ޙާލަތު އިތުރަށް ގޯސްވެއްޖެ! އެދެނީ އެންމެންގެ އެހީތެރިކަމަށް!

ޔަމަނުގެ ޙާލަތު އިތުރަށް ގޯސްވެއްޖެ! އެދެނީ އެންމެންގެ އެހީތެރިކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ޔަމަނުގެ ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އެ ޤައުމުގެ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެޖެންސީ ރިލީފް ކެމްޕޭނެއް ފަށައިފިއެވެ. 

ގާތްގަނޑަކަށް މީގެ ތިން އަހަރު ކުރިން އ.ދ އިން ދުނިޔޭގެ އެންމެ ނިކަމެތިން ގިނަ އަދި ހާލަތު ގޯސް ޤައުމުގެ ގޮތުގައި ކަނޑައަޅާފައިވާ ޔަމަނުގެ ހާލަތު ކޮވިޑް 19 އާއި ގުޅިގެން ވަނީ ބޮއްސުންލާފައެވެ. އެގޮތުން އެ ޤައުމުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ޔަމަނުގެ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުން މުހިންމުކަން އައިއޭސީއިން ހާމަކޮށްފައިވެއެވެ. ޖޫން މަހުގެ 22 ވަނަ ދުވަހު ފަށާފައިވާ ޔަމަން އެމެޖެންސީ ރިލީފް ކުރިޔަށް އޮތް ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް އައިއޭސީއިން ނިންމާފައިވެއެވެ. 

ޔަމަނުގެ އަދުގެ ހާލަތުގެ ސަބަބުން މުޅި ދުނިޔޭގެ އެހީތެރިކަން ބޭނުންވެފައިވާ މިދަނޑިވަޅުގައި، މި އެމެޖެންސީ ރިލީފްގެ ޒަރިއްޔާއިން ދިވެހިރައްޔިތުންނަށް ޔަމަނުގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަން އައިއޭސީއިން ހާމަކޮށްފައިވެއެވެ. ކާބޯތަކެތި ލިބުމުގެ ދަތިކަމުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ކާބޯތަކެތީގެ ޒަރިއްޔާއިން ހަށިގަނޑަށް ލިބެންޖެހޭ ހަކަތައާއި ނިއުޓްރިޝަން ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަންގެ ޝިކާރައަކަށް ވެފައިވާ 2 މިލިއަނާއި ގާތްކުރާ ތުއްތު ކުދިން މިވަގުތުވެސް ޔަމަނުގައި އެބަތިބިއެވެ. ކޮވިޑް 19 ގެ ކޭހެއް ރިޕޯޓް ކުރުމުގެ ކުރިންވެސް އެ ޤައުމުން އަންނަނީ ޑެންގީ ހުން، މެލޭރިއާ އަދި ކޮލެރާ ފަދަ ނުރައްކާތެރި ބަލިތަކުން އަރައިގަތުމަށް ހަނގުރާމަކުރަމުންނެވެ. 

މީގެއިތުރުން ޔަމަނުގެ 24 މިލިއަނާއި ގާތްކުރާ އަދަދެއްގެ ރައްޔިތުން މިވަގުތުވެސް ބާރޯސާވަނީ އިންސާނީ ހައްޤުތަކާއި ބެހޭ ޖަމިއްޔާތަކުން ފޯރުކޮށްދޭ އެހީތެރިކަމަށެވެ. އިންސާނީ ހައްޤުތަކާއި ބެހޭ ޖަމިއްޔާތަކުން ފޯރުކޮށްދޭ އެއިޑަށް ބަރޯސާވާ ޔަމަނުގެ 80 އިންސަތަ ރައްޔިތުންގެ އިތުރުން، އިތުރު މިލިއަނެއްހާ ރައްޔިތުން ބަނޑުހައިހޫނުކަމަށް ޖެހެމުންދާކަމަށް ދިރާސާތަކުން ދައްކައެވެ. 

ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދަނޑިވަޅެއްގެ އިންތިޒާރުގައި ތިބި ދިވެހިރައްޔިތުންނަށް މި ފުރުސަތުގެ ޒަރިއްޔާއިން ޔަމަނުގައި ތިބި އަޙުންނާއި އުޙުތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަން އައިއޭސީއިން ހާމަކުރެއެވެ. އެގޮތުން ޔަމަން އެމެޖެންސީ ރިލީފް ފަންޑަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އައިއޭސީ ޔަމަން އެކައުންޓް މެދުވެރިކޮށް ޑޮނޭޝަން ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކެމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތެއް ބޭނުންނަމަ އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅޭނެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އަންނަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަކަށް އެކި އެކި ޒަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މި ކެމްޕޭނުގެ ޒަރިއްޔާއިން ޔަމަނުގެ ނިކަމެތި ރައްޔިތުން މި ދަނޑިވަޅުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް